އެކްޓަރު ސަލްމާން ހާންގެ ބައްޕަ ސާލިމް ހާންއާއި އެކްޓަރު ފަރްހާން އަކްތަރު އަދި ޕްރޮޑިއުސަރު ޒޯޔާ އަކްތަރުގެ ބައްޕަ ޖާވިދު އަކްތަރުގެ ހަޔާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް ހަދަން ތައްޔާރުވެއްޖެ އެވެ.
ސާލިމް އާއި ޖާވިދު އަކީ އިންޑިއާގެ ސިނަމާ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބު ދެ ލިޔުންތެރިންނެވެ. މި ދެ މީހުން އެކީގައިވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މީގެ ހަފްތާއެއް ކުރިން މީޑިއާ އިން ވަނީ ސާލިމް-ޖާވިދު ގެ ޑޮކިއުމެންޓަރީއެއް ހެދުމަށް ޒޯޔާ މަސައްކަތް ކުރަމުން ދާކަމަށް ރިޕޯޓު ކޮށްފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ސާލިމް ވަނީ މީޑިއާތަކަށް އެކަން ކަށަވަރު ކޮށްދީފަ އެވެ. އެގޮތުން ވޭތުވެދިޔަ ދެ މަހެއްހާ ދުވަސް ވަންދެން ޒޯޔާ އެ ޑޮކިމެންޓްރީއަށް މަސައްކަތް ކުރަމުން ދިޔަކަމަށް ސާލިމް ބުންޏެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ ޑޮކިއުމެންޓްރީ އަށް ކިޔާނީ "އެންގްރީ ޔަންގް މެން" އެވެ. ބެލެވޭ ގޮތުގައި މިނަން ދީފައިވަނީ ސާލިމް-ޖާވިދު ލިޔުނު އަމީތާބު ބައްޗަންގެ ފިލްމު ޒަންޖީރް އާއި ގުޅުވަ އެވެ. އެގޮތުން އެ ފިލްމުގައި އަމީތާބު ކުޅުނު ވިޖޭ ރޯލުގެ ފަހުން އަމީތާބަށް އެންގްރީ ޔަންގް މޭން ގެ ނަމުން މުހާތަބު ކުރި އެވެ. އެނަން ވަރަށް މަޝްހޫރުވެސް ވި އެވެ. އެކެރެކްޓާ ލިޔުނީ ސާލިމް-ޖާވިދު އެވެ.
ސާލިމް-ޖާވިދުގެ ޑޮކިއުމެންޓްރީގައި ކުރީގެ އަސްލު މަންޒަރުތަކާއި ދެމީހުންގެ އިންޓަވިއުގެ އިތުރުން އެހެން ބައެއް މީހުންގެ އިންޓަވިއުތައްވެސް ހިމެނޭނެ އެވެ. އަދި މަސައްކަތުގައާއި އަސްލު ދިރިއުޅުމުގައި ދެމީހުންގެ ގުޅުމުގެ ވާހަކަތަކުގެ އިތުރުން ދެމީހުން ވަކިވުމުގައި ޖެހުނު މައްސަލަތަކުގެ ވާހަކަވެސް ޑޮކިއުމެންޓްރީގައި ކިޔައިދޭނެ އެވެ.
ޒޯޔާގެ އިތުރުން މި ޑޮކިއުމެންޓްރީ އުފެއްދުމަށް ފަރްހާން އާއި ސަލްމާންވެސް ފަންޑު ކުރާނެ އެވެ. އެގޮތުން މިއީ ސަލްމާން ޒޯޔާ އަދި ފަރްހާން އާއިއެކު މަސައްކަތް ކުރާ ފުރަތަމަ ފަހަރަށް ވެގެން ދާނެ އެވެ. "އެންގްރީ ޔަންގް މެން" ޕްރޮޑިއުސް ކުރާނީ ސަލްމާން ހާން ފިލްމްސް، އެކްސެލް އެންޓަޓެއިންމެންޓުގެ އިތުރުން ޓައިގާ ބޭބީ ގެ ދަށުންނެވެ.