ބަރުދަން ލުއި ކުރުމަކީ މާ އުނދަގޫކަމެއް ނޫނެވެ. އެކަމަކު ބައެއް ފަހަރު އެއީ މާ އުނދަގޫ ކަމެކޭ ހިތަށް އެރުވީމައި ބަރުދަން ލުއިކުރަން ކުރަންޖެހޭ ކަންކަން ނުކުރެވޭގޮތް ވަނީ އެވެ. ކުޑަ ހިތްވަރެއް ލާފައި ކަންތައްތަކަކަށް ފުރުސަތު ދިނުމުން ފަސޭހަ ކަމާއިއެކު ބަރުދަން ލުއި ކުރެވިދާނެ އެވެ.
މާބޮޑަށް ބަރުވެ ހަށިގަނޑު ފަލަވުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ އޭގެ ސަބަބުން އެކި ކަހަލަ ސިއްހީ މައްސަލަތައް ނިކުންނަން ފެށުމުންނެވެ. އަނެކޮޅުން ގަޔަށް ހެޔޮވަރު ހެދުމެއް ހޯދަން ބޭނުންވުމުންވެސް ބައެއް މީހުންނަށް މައްސަލައަކަށް ވެދާނެ އެވެ.
ބަރުދަން ލުއި ކުރުމުގެ މަސައްކަތް ވަރަށް ހިތްވަރު ލާފައި ގިނަ މީހުން ފަށާނެ އެވެ. އެކަމަކު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރަން ޖެހުމުން ފަރުވާ ކުޑަކޮށްލެވެނީ އެވެ. އެއީ ބަރުދަން ލުއި ކުރުމަށް އޮންނަ އެންމެ ބޮޑު ހުރަހެވެ. ކިޔައިދޭން މިއުޅެނީ ބައެއް ޑައިޓީޝަނުން ކިޔައިދީފައިވާ ގޭގައި ކޮށްލެވިދާނެ ކުދި ކުދި ކަންތައްތަކެކެވެ. މިކަންކަން ކޮށްލުމުން ބަރުދަން ލުއި ކުރަން ފަސޭހަ ވާނެ އެވެ.
1- ގިނަ ގިނައިން ފެން ބުއިން
ގިނަ ގިނައިން ފެން ބުއިމުގެ ސަބަބުން ހަށިގަނޑު އަބަދުވެސް ހައިޑްރޭޓް ކޮށްދޭނެ އެވެ. މިއީ ބަރުދަން ލުއިކުރުމަށްވެސް ފަސޭހަވާނެ ކަމެކެވެ. އެގޮތުން ފެން ބުއިމުން ހިތުން ދައުރުވާ ލޭ މަސްލްސްތަކަށް ގެންގޮސްދޭން ފަސޭހަވެ އެވެ. ނަތީޖާއެއްގެ ގޮތުން ފެޓްސް ނައްތައިލުމަށް މަސްލްސްތައް މަސައްކަތް ކޮށްދެ އެވެ. ޖޫސް ނުވަތަ ސޯޑާ ބުއިމުގެ ބަދަލުގައި ގިނައިން ފެން ބޯށެވެ. ކެއުމުގެ ކުރިން ފެން ބުއިމުގެ ސަބަބުން މާ ގިނައިން ކެއުމުން ދުރުކޮށްދޭނެ އެވެ. ކެއުމުގެ ފަހުންވެސް ފެން ބޯން އާދަކުރާށެވެ.
2- ބަރު އުފުއްލުން
ބަރު އުފުލުމަކީ ހަމައެކަނި ޖިމްއަށް ގޮސްގެން ކުރެވިދާނެ ކަމެއްކަމަށް ގިނަ ބަޔަކަށް ހީކުރެވެ އެވެ. އެހެންނަމަވެސް މިއީ ގޭގައިވެސް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ބާލިދީއަކަށް ފެން އަޅައިގެން އެ ބާލިދީ އުފުއްލުމަކީވެސް ރަނގަޅު ކަމެކެވެ. މިގޮތަށް ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ކޮންމެވެސް ޒާތުގެ ބަރު އެއްޗެއް އުފުއްލާށެވެ. މާގިނަ ދުވަހެއް ނުވެ ބަރުދަން ލުއިވާން ފަށައިފާނެ އެވެ. ބަރު އުފުއްލުމުގެ ބަދަލުގައި ބޯޅަ އުކުމަކީވެސް ރަނގަޅު ކަސްރަތެކެވެ. ނުވަތަ އެއްތަނުން އަނެއްތަނަށް ބަރު އެއްޗެއް އުފުލުމަކީވެސް ރަނގަޅު ކަމެކެވެ. މިއީ ހަމައެކަނި ބަރުދަން ލުއިކުރުމުގެ އިތުރުން ރަނގަޅު ސިއްހަތެއްގައި ހުރުމަށްވެސް ކުރަން ރަނގަޅު ކަމެކެވެ.
3- ހެނދުނު ހިނގުން
ހެނދުނު ހޭލާ ގޮތަށް ހިންގަން ދާ މީހުން މިހާރުވެސް މަދެއް ނޫނެވެ. މިއީ ޑޮކްޓަރުންވެސް ވަރަށް އާންމުކޮށް ކުރަން އިލްތިމާސް ކުރާ ކަމެކެވެ. ޑައިޓީޝަނުން ބުނާ ގޮތުގައި ބަރުދަން ލުއިކުރަން ބޭނުންވާނަމަ ހެނދުނުގެ ނާސްތާގެ ކުރިން ހިނގާށެވެ. މިކަމުގެ ސަބަބުން ގިނަ ކެލެރީޒް އަންދައި ދެއެވެ. އެގޮތުން 30 ވަރަކަށް މިނެޓު ވަންދެން ބާރަށް ހިނގުމުން 75 ކެލެރީ އަންދައިދޭނެ އެވެ. އެއީ ގަޑިއަކު 2 މީޓަރު ބާރު މިނުގައި ހިންގައިގެންނެވެ. އެއަށްވުރެއް ބާރަށް ހިނގައިގެން 150 ކެލެރީޒް އަންދައިދޭނެ ކަމަށް ޑައިޓީޝަނުން ބުނެ އެވެ.
4- މޭވާއާއި ތަރުކާރީ ގިނަ ގިނައިން ކެއުން
މޭވާއާއި ތަރުކާރީ ކެއުމަކީ ބަރުދަން ލުއި ކުރުމަށް އެންމެ މުހިންމު އެއް ކަންތަކެވެ. މި ދެބާވަތަކީ ކެލެރީޒް މަދު އަދަދަކަށް ހިމެނޭ ދެ ބާވަތެވެ. އެހެންކަމުން ޑައިޓުގެ ތެރޭގައި މޭވާއާއި ތަރުކާރީ ގިނަ ކުރުން މުހިންމެވެ. އަނެއްކޮޅުން މިދެބާވަތުގެ ސަބަބުން ބަނޑުހައި ވިޔަ ނުދީ ގިނަ ވަގުތު ހިފަހައްޓައިދޭނެ އެވެ. ހަޖަމު ކުރުމަށްވެސް މޭވާއާއި ތަރުކާރީ ފަސޭހަ ވާނެ އެވެ. މިއީ ބަރުދަން ލުއިކުރުމުގެ އިތުރުން ރަނގަޅު ސިއްހަތެއްގައި ހުރުމަށްވެސް މުހިންމު ކަމެކެވެ.
5- ބޭރުން ކެއުން ހުއްޓާލާ
ގިނަ ފަހަރަށް ބޭރުން އޯޑަރުކޮށްގެން ކެއުމާއި ފިހާރަައިގައި ހުންނަ ތައްޔާރީ ކާނާ ކެއުމުގެ ނަތީޖާއަކަށް ވަނީ ގިނަ އަދަދަކަށް ހަކުރު ހިމެނޭ ބާވަތްތައް ކެވުމެވެ. މީގެ ސަބަބުން އެތަކެތިން ހަށިގަނޑަށް ލިބޭ ބަރުމިން އިތުރުވެ އެވެ. އޯޑަރުކޮށްގެން ކާއިރު ޖަންކް ފުޑްސް ގިނައިން ކެވޭތަން އާދެ އެވެ. އެކި ވައްތަރުގެ ބާގާއާއި ޕިއްޒާ ފަދަ ތަކެތި ކެއުމުގެ ސަބަބުން އެތަކެތި ހަޖަމު ކުރުމަށް ގިނަ ވަގުތު ހޭދަވެ އެވެ. އެެހެންކަމުން ވީއެންމެ ގިނައިން ގޭގައި އަމިއްލައަށް ކައްކައިގެން ކާން އާދަކުރާށެވެ.
6- ނޫކުލައަށް ބެލުން
ރެސްޓޯރެންޓުތަކުގައި ނޫކުލަ ލާފައި ހުންނަތަން ފެނޭހެއްޔެވެ؟ ނޫނީ މޭޒުގައި ނޫ ފޮތި އަޅައި ތައްޓާއި އެނޫންވެސް ތަކެތި ނޫކުލައިން ހުންނަނީ ކީއްވެކަން އިނގޭ ހެއްޔެވެ؟ ސައިންސްވެރިން ބުނާ ގޮތުގައި ނޫކުލައަށް ބެލުމުގެ ސަބަބުން މީހާ އަބަދުވެސް ހުންނަނީ ފުރިފައިކަމަށް އިހުސާސް ކުރެވެ އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މިއީ "އެޕަޓައިޓް ސެޕްރެސެންޓް" އެކެވެ. އެހެންކަމުން ނޫކުލައަށް ބެލުމުން ހަށިގަނޑަށް ކެލެރީޒް ލިބޭ މިންވަރު މަދު ކުރެވިދާނެ އެވެ. އަނެއްކޮޅުން ރަތް، ރީނދޫ އަދި އޮރެންޖު ކުލައަށް ބެލުން ވީ އެންމެ ބޮޑަކަށް މަދުކުރާށެވެ.
7- ޓީވީ ބެލުން މަދުކުރުން
ޓީވީ ބެލުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ކެއުމަށް ލިބޭ އިތުރު ހިތްވަރެކެވެ. މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާ ގޮތުގައި ޓީވީ ބަލަން ތިބެގެން ގިނަ މީހުން އެންމެ އާންމުކޮށް ކުރާ ކަމަކީ ކެއުމެވެ. ސީރީޒް ނުވަތަ ފިލްމު ބަލަން އިންނައިރު އަތާއި ފައިން އަދި އަނގައިން ކުރާނެ އެހެން ކަމެއް ނެތުމުން ކެވެނީ އެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންނަމަ ޓީވީ ބެލުން މަދުކުރާށެވެ.
8- ހުދު ކެއުން މަދުކުރުން
ހުދު ކެއުން މަދުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އޭގެ ތެރޭގައި ވައިޓް ބްރެޑް، ފުށުން ތައްޔާރުކޮށްފައި ހުންނަ ކެއުންތައް ހިމެނެ އެވެ. މިފަދަ ކެއުންތަކުގެ ސަބަބުން ހަށިގަނޑަށް ކާބޯހައިޑްރޭޓްސް ލިބޭ މިންވަރު އިތުރުވެ އެވެ. ހުދު ބަތާއި އެކި ވައްތަރުގެ ޔޯގަޓް ފަދަ ތަކެތިވެސް މީގެ ތެރޭގައި ހިމެނެ އެވެ. ބަދަލު ކޮށްލާށެވެ. ބްރައުން ރައިސް އާއިއެކު ބްރައުން ބްރެޑް ކާން ފަށާށެވެ. މިކަމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް ފަސޭހަ ވާނެ އެވެ.
9- ރޭގަނޑު ނިދަން އާދަކުރުން
ބަރުދަން ލުއިކުރާނަމަ ނުވަތަ މާ ހިކި މީހަކު ބަރުދަން އިތުރު ކުރާނަމަވެސް ނިދުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެގޮތުން ރޭގަނޑުގެ ވަގުތުގައި 7 ނުވަތަ 8 ގަޑިއިރު ނިދަން އާދަ ކުރާށެވެ. މިއީ ހަމައެކަނި ބަރުދަނުގެ މައްސަލަތަކުގެ އިތުރުން ޑިޕްރެޝަނާއި ހިތުގެ މައްސަލަތަކަށްވެސް ރަނގަޅު ހައްލެކެވެ. ދުވާލުގެ ވަގުތު ނިދުމުން ކަންނެތްކަން އިހުސާސް ކުރެވޭ މިންވަރުވެސް އިތުރުވެ އެވެ. ބަރުދަން ލުއިކުރަން ބޭނުންނަމަ ނިދުން ހަމައަކަށް އަޅުވާށެވެ.
10- ކޮފީ
އެންމެ ފަހު ކަމަކަށް މިއޮތީ ވަރަށް ގިނަ މީހުން ބަރުދަން ލުއިކުރަން ބޭނުން ކުރާ އުކުޅެކެވެ. ކޮފީ ބުއިމެވެ. ކޮފީ ބުއިން އެންމެ ރަނގަޅީ ކިރާއި ހަކުރު ނާޅަ އެވެ. އެހެންނަމަވެސް އެގޮތަށް ބޯން އުނދަގޫނަމަ ލޯފެޓް މިލްކުގައި ކޮފީ ގިރުމަކުން މައްސަލައެއް ނެތެވެ. ކޮފީގެ ސަބަބުން ފެޓްސް އެންދުމަށް ފަސޭހަ ވެއެވެ. ދުވާލަކު އެއް ޖޯޑު ނުވަތަ ދެ ޖޯޑުގެ ކޮފީ ބުއިން ރަނގަޅު ވާނެ އެވެ. އެހެންނަމަވެސް މާ ގިނައިން ކޮފީ ބުއިމަކީ ސިއްހީ އެހެން މައްސަލަތައް ނިކުމެދާނެ ކަމެކެވެ.