ބިލްބޯޑު ޗާޓުގެ އެއްވަނަ ހަތަރު ހަފްތާ ވަންދެން ދިފާއުކޮށް ސައުތު ކޮރިއާގެ ޕޮޕް ބޯއީ ބޭންޑް ބީޓީއެސްއިން ރެކޯޑެއް ގާއިމްކޮށްފި އެވެ.
ބީޓީއެސްއިން އެންމެ ފަހުން ރިލީޒް ކުރި "ބަޓާ" ބިލްބޯޑު ހޮޓް 100 ޗާޓުގެ އެއްވަނައިގައި އޮތް އިރު މިއީ އެ ބޭންޑުގެ ދެވަނަ އިނގިރޭސި ސިންގަލް އެވެ. މިއާއެކު ބީޓީއެސް ވެގެން ގޮސްފައި މިވަނީ ބިލްބޯޑު ޗާޓުގެ އެއްވަނަ މިހާ ދިގު މުއްދަތަކަށް ދިފާއުކުރި ފުރަތަމަ އޭޝިޔާގެ ބޭންޑަށެވެ.
ބީޓީއެސްއިން އެންމެ ފުރަތަމަ ރިލީޒްކުރި އިނގިރޭސި ސިންގަލް "ޑައިނަމައިޓް" އަކީވެސް ވަރަށް ކާމިޔާބު ލަވައެކެވެ. އެލަވަވެސް ބިލްބޯޑު ޗާޓުގެ އެއްވަނައިގައި ތިން ހަފްތާ ވަންދެން އޮތެވެ.
ބީޓީއެސް ޗާޓުގައި ބުނާ ގޮތުން އެމެރިކާގައި "ބަޓާ" ސްޓްރީމް ކޮށްފައިވަނީ 12.5 މިލިއަން ޔޫޒާޒް އެވެ. އަދި 111،400 ފަހަރަށް ލަވަ ޑައުންލޯޑުވެސް ކޮށްފައި ވެއެވެ. މީގެ އިތުރުން ރޭޑީއޯ އެއާޕްލޭ އޯޑިއަންސް 25.8 މިލިއަނާއި ހަމައަށް ލިބިފައި ވެއެވެ.
ބީޓީއެސްއަކީ ބިލްބޯޑު ޗާޓުގެ އެއްވަނަ، ހަތަރު ހަފްތާ ވަންދެން ދިފާއު ކުރި ފުރަތަަމަ އޭޝިއާގެ ބޭންޑު ނަމަވެސް މީގެ ކުރިން އެހެން ބައެއް އާޓިސްޓުންވެސް އެ ޗާޓުގެ އެއްވަނަ މިމުއްދަތަށް ދިފާއުކޮށްފައި ވެއެވެ. "ބަޓާ" ވެގެން ގޮސްފައިވަނީ މިމުއްދަތަށް އެއްވަނަ ދިފާއުކުރި 13 ވަަނަ ލަވައަށެވެ.
ބިލްބޯޑު ހޮޓް 100 ޗާޓުގެ އެއްވަނަ އެންމެ ދިގު މުއްދަތަކަށް ދިފާއު ކުރިކަމުގެ ރެކޯޑު އޮތީ ލިލް ނަސް އެކްސް ގެ އެވެ. އެއީ 19 ހަފްތާ ވަންދެންނެވެ. 2019 ވަނަ އަހަރު ރިލީޒްކުރި "އޯލްޑް ޓައުން ރޯޑް" ލިލް ނަސް އެކްސް އާއިއެކު ކިޔާފައިވަނީ ބިލީ ރޭ ސައިރަސް އެވެ.