ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާގެ މިޔުޒިކަލް ރޮމޭންސް ފިލްމު "ސަތުޔަނާރާޔަން ކި ކަތާ" ގައި ކާރްތިކް އާރްޔާންއާއިއެކު ލީޑް ރޯލުން ފެނިގެން ދާނީ ބަތަލާ ޝްރައްދާ ކަޕޫރުކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސާޖިދުގެ ފިލްމަށް ކާރްތިކް ސޮއި ކުރިކަމަށް މީގެ ކުރިންވެސް ރިޕޯޓު ކުރި އެވެ. އެހެންނަމަވެސް ބަތަލާގެ ރޯލުން ފެންނާނެ ތަރިއެއް އޭރު ރިޕޯޓެއް ނުކުރެ އެވެ. ބޮލީވުޑް ހަންގާމާއިން ބުނީ އެ ފިލްމު ޝްރައްދާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި ޕްރޮޖެކްޓަށް ރަސްމީކޮށް ސޮއި ނުކުރާ ކަމަށާއި ފިލްމު ކުޅޭނެކަން ޝްރައްދާ ކަށަވަރު ކޮށްދީފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.
މިފިލްމަށް ޝްރައްދާ ސޮއި ކޮށްފިނަމަ ކާރްތިކް އާއިއެކު އޭނާ ފެނިގެންދާ މިއީ ފުރަތަމަ ފިލްމަށް ވާނެ އެވެ.
މީގެ ކުރިންވެސް ޝްރައްދާ އާއި ކާރްތިކްއަށް އެހެން ބައެއް ފިލްމުތައް ހުށަހެޅި އެވެ. އެގޮތުން ކާރްތިކް މަޝްހޫރުކަން ހޯދުމުގެ ކުރިން ޝާހިދު ކަޕޫރު ލީޑް ރޯލުން ފެނުނު "ބައްޓީ ގުލް މީޓަރް ޗާލޫ" ގެ ރޯލެއް ހުށަހެޅި އެވެ. ޝްރައްދާ ބަތަލާގެ ރޯލުން ފެނުނު އެފިލްމުގެ ކާރްތިކްއަށް ހުށަހެޅީ ސަޕޯޓިން ރޯލެކެވެ. އެހެންނަމަވެސް އޭނާ އެއަށް ނޫނެކޭ ބުނީ އެވެ.
އޭގެ ފަހުން ދިނޭޝް ވިޖަންގެ "ކިރިކް ޕާޓީ" ވެސް މި ދެތަރިންނަށް ހުށަހެޅި އެވެ. އެމަސައްކަތްވެސް ދެތަރިން ކޮށްފައެއް ނުވެ އެވެ.
ކާރްތިކް އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ 2020 ވަނަ އަހަރު "ލަވް އާޖް ކަލް 2" އިންނެވެ. އޭނާގެ ޑިޖިޓަލް ފިލްމު "ދަމާކާ" ވަނީ ޝޫޓުކޮށް ނިންމައި ލޯންޗުވެސް ކޮށްފަ އެވެ. އެހެންނަމަވެސް އަދި ރިލީޒް ނުކުރެ އެވެ. މީގެ އިތުރުން "ބޫލު ބުލައްޔާ 2 ގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
2019 ވަނަ އަހަރު "ލުއްކާ ޗުއްޕީ" އަށްފަހު ކާރްތިކްއަށް ގިނަ މަސައްކަތްތަކެއް ލިބުނެވެ. އެހެންނަމަވެސް ޝޫޓު ކުރަމުން ދިޔަ ދަރްމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ 2" ގައި މައްސަލަތަކެއް ފެންމަތިވެ އެފިލްމުން އޭނާ ބޭރު ކުރަން ނިންމި އެވެ. އަދި އޭގެ ފަހުން ދޯސްތާނާގެ އިތުރު ފިލްމަކާއި ރެޑް ޗިލީޒްގެ ފިލްމެއް ކާރްތިކްއަށް ގެންލުނެވެ. މިހާރު ކާރްތިކްއަށް ލިބިފައި އޮތް ހަމައެކަނި މަސައްކަތަކީ ސާޖިދުގެ ފިލްމު އެކަންޏެވެ.
އަނެއްކޮޅުން ޝްރައްދާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު "ބާގީ 3" އިންނެވެ. އޭނާގެ ކުރިއަށް ރިލީޒް ވާން ލަވް ރާންޖަންގެ ފިލްމެއް އެބަ އޮތެވެ.