ކާރްތިކް އާރްޔާން އާއި ސާރާ އަލީ ހާން އިތުރު ފިލްމަކުން ފެނިދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ދެ ތަރިން މިދިޔަ 2020 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތް ކުރީ އިމްތިޔާޒް އަލީ ޑައިރެކްޓު ކުރި "ލަވް އާޖް ކަލް" އިންނެވެ. އެ ފިލްމު ރިލީޒް ކުރުމުގެ ކުރިންވެސް ކާރްތިކް އާއި ސާރާގެ ޖޯޑަށް ބޮޑު ތަރުހީބެއް ލިބުނެވެ. ބޮކްސް އޮފީހުގައި ފިލްމަށް އެވަރޭޖް އާމްދަނީއެއް ލިބުނު ނަމަވެސް ދެތަރިންގެ ޖޯޑު ބޮލީވުޑްގައި ވިދައިލި އެވެ.
ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާގެ ރޮމޭންޓިކް ފިލްމު "ސްތުޔަނާރަޔަން ކީ ކަތާ" ކާރްތިކްއަށް ވަނީ ހުށަހަޅައިފަ އެވެ. އެ ފިލްމު ޑައިރެކްޓު ކުރާނީ މަޝްހޫރު މަރާޓީ ޑައިރެކްޓަރު ސަމީރު ވިދްވާންސް އެވެ. މިއީ އޭނާ ހިންދީ ފިލްމެއް ޑައިރެކްޓު ކުރާ ފުރަތަމަ ފަހަރެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ފިލްމުގެ ބަތަލާގެ ރޯލު ވަނީ ސާރާއަށް ހުށަހަޅައިފަ އެވެ. އެހެންނަމަވެސް ސާރާ އެ ފިލްމުކުޅެން އެއްބަސްވިކަމެއް އަދި މުޅިން ކަށަވަރެއް ނުވެ އެވެ. ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅެވެ.
އެކްޓަރު ކާރްތިކް އާރްޔާންގެ މާގިނަ ފިލްމުތަކެއް ކުރިއަށް ނެތްނަމަވެސް އައްލޫ އަރުޖުންގެ ކާމިޔާބު ފިލްމު "އަލަ ވައިކުންތަޕުރަމުލޯ" ގެ ހިންދީ ރީމޭކުން ކާރްތިކް ފެނިދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަނެއްކޮޅުން ސާރާ އެންމެ އަވަހަށް މަސައްކަތް ފަށާނީ ވިކީ ކައުޝާލް އާއިއެކު ފިލްމު "އަޝްވައްތަމާ" ގެ އެވެ. މަޝްހޫރު ފްރެންޗައިޒް "ބާގީ" ގެ ހަރަތުވަނަ އިންސްޓޯލްމެންޓުވެސް ވަނީ ސާރާއަށް ހުށަހަޅައިފަ އެވެ. އެފިލްމުގައި އެކްޓަރުގެ ރޯލުން ފެންނާނީ ޓައިގާ ޝްރޯފް އެވެ.