ބޮލީވުޑް އެކްޓަރު ޑީނޯ މޯރިއާގެ 1.4 ކްރޯރް ރުޕީސްގެ މުދާ އިންޑިއާގެ އެންފޯސްމެންޓު ޑިރެކްޓޮރޭޓް (އީޑީ) އިން ސީޒް ކޮށްފި އެވެ.
އިންޑިއާ ހަބަރުތައް ގެނަސްދޭ މީޑިއާތަކުން ބުނީ ޑީނޯގެ އިތުރުްނ ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު އަހުމަދު ޕަޓޭލްގެ ދަނބި ދަރިއާއި، ޑީޖޭ އަގީލް އަބްދުލް ހާލިކް ބައްޗޫ އަލީގެ މުދާތަކެއްވެސް ވަނީ ސީޒް ކޮށްފަ އެވެ. މި ތިން މީހުންގެ މުދާތައް ސީޒް ކުރީ އެއް މައްސަލައަކާއި ގުޅިގެންނެވެ.
އެގޮތުން ގުޖުރާތުގެ ވިޔަފާރިވެރިން ކަަމަށްވާ ސަންދެސަރާ ބްރަދާޒް މެދުވެރިކޮށް މިތިން މީހުން ވަނީ 14،500 ކްރޯރް ރުޕީސްގެ ލޯނެއް ބޭންކުން ނަގާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އީޑީން މި މައްސަލަ ތަހުގީގު ކުރުމަށްފަހު މިއީ ފްރޯޑު ކޭސްއެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން ސަންދެސަރާ ބްރަދާޒްއިން ޑީނޯ، އިރްފާން އަދި ޑީޖޭ އަގީލް ގުޅިގެން މަނީ ލޯންޑާ ކުރި ކަމަށްވެސް ތުހުމަތު ކުރެވެ އެވެ.
ތަހުގީގުތަކަށް ދައްކާ ގޮތުގައި ޑީނޯއަށް ވަނީ މަނީ ލޯންޑަ ކޮށްގެން 1.4 ކްރޯރް ރުޕީސް ލިބިފަ އެވެ. އަދި ޑީޖޭ އަގީލްއަށް 12.54 ކްރޯރް ރުޕީޒް އިރްފާންއަށް 3.51 ކްރޯރް ރުޕީޒް ލިބުނެވެ.
މިމައްސަލައާއި ގުޅިގެން ޑީނޯގެ 1.4 ކްރޯރް ރުޕީސްގެ މުދާ އިރްފާންގެ 2.41 ކްރޯރް ރުޕީސްގެ މުދަލުގެ އިތުރުން ޑީޖޭ އަގީލްގެ 1.98 ކްރޯރް ރުޕީސްގެ މުދާ ވަނީ ސީޒްކޮށްފަ އެވެ.
އީޑީން މިހާރު ތަހުގީގު ކުރަމުން ގެންދާ މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ ތަހުގީގަށް ބޮލީވުޑް ބަތަލާ ޔަމީ ގޯތަމްވެސް ވަނީ ހާޒިރުކޮށްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ އިތުރުން ބޮލީވުޑްގެ ބައެއް ޕްރޮޑަކްޝަން ހައުސްތަކުންވެސް މިމައްސަލައިގައި ޝާމިލު ވެއެވެ. އެހެންނަމަވެސް އިތުރު މީހަކު ތަހުގީގަށް ސުވާލު ކުރަން ާޒިރު ކުރިކަމެއް އެނގިފައެއް ނެތެވެ.
މީގެ ކުރިންވެސް އިންޑިއާގެ މިފަދަ ފްރޯޑް ކޭސްތަކުގައި ބޮލީވުޑް ތަރިންނަށް ތުހުމަތު ކުރެވެ އެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ތުހުމަތުތައް އޮއްބާލައި އެތަރިން ދޫކޮށްލަ އެވެ. ބޮލީވުޑް އިންޑަސްޓްރީއަކީ އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް އިންޑަސްޓްރީ އެވެ. މި އިންޑަސްޓްރީއާއި އިންޑިއާގެ އަންޑަވޯލްޑާއި ގުޅިފައި އޮންނަކަމުގެ ތުހުމަތުވެސް ކުރެވެ އެވެ.