މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކައިވެނި ރޫޅައިލި ބޮލީވުޑް އެކްޓަރު އާމިރު ހާން އާއި އޭނާ 16 އަހަރު ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު ކިރަން ރާއޯ އެމީހުން ދުރުވިކަން ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.
ކިރަން އާއި އާމިރު އިއްޔެ ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ ދެމީހުން ދުރުވިތާ ދުވަސްކޮޅެއް ވެފައިވާކަަމަށާއި އެކަން މިއަދު އަންގަން ބޭނުންވާ ކަމަށެވެ.
ކިރަން އާއި އާމިރުގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފަ އެވެ. އާޒާދު ރާއޯ ހާން ނަމަކަށް ކިޔާ އެކުއްޖާއަށް މިހާރު 9 އަހަރެވެ. އިއްޔެ ނެރުނު ސްޓޭޓްމެންޓުގައި ބުނީ ދެމީހުން ދުރުވި ނަމަވެސް އާޒާދުއަށް އެއްވެސް ކަމެއް އުނި ނުވާނެ ކަމަށެވެ. އެހެންކަމުން ދެމީހުންވެސް ބެލެނިވެރިންގެ ގޮތުގައި ދެމި ތިބޭނެ ކަަމަށް ބުންޏެވެ.
އާމިރު އާއި ކިރަން ބުނީ ދެމީހުން ވަރިވި ނަމަވެސް ފިލްމުތަކުގައި އެކީގައި މަސައްކަތް ކުރުންވެސް ހުއްޓައި ނުލާނެ ކަމަށެވެ. ކިރަން އަކީ ބޮލީވުޑް ފިލްމުތައް އުފައްދާ މީހެކެވެ. އާމިރުގެ ގިނަ ފިލްމުތައް އުފައްދަނީ ކިރަން އެވެ. ދެމީހުން އެކުވެގެން މީގެ ކުރިން ވަނީ ފައުންޑޭޝަނެއްވެސް ފަށައިފަ އެވެ. އެ ފައުންޑޭޝަންގެ މަސައްކަތްވެސް ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
އެކީގައި ވޭތުކުރަމުންދިޔަ ދިރިއުޅުން ނިންމާލައި ދެމީހުންވެސް ވަކިން މުޅިން އާ ބާބެއް ފަށަން ތައްޔާރުވެފައިވާކަމަށް އާމިރުއާއި ކިރަން ބުންޏެވެ.
އާމިރުއާއި ކިރަން ކައިވެނިކުރީ 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. 2011 ވަނަ އަހަރު އާޒާދު ހޯދީ ސަރޮގޭޓް ކޮށްގެންނެވެ. އާމިރުގެ އިތުރު ދެ ދަރިންވެސް ތިބެ އެވެ. އީރާ ހާން އާއި ޖުނައިދު ހާންއަކީ އާމިރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެކުދިންނެވެ. އާމިރު ފުރަތަމަ ކައިވެނި ކުރީ ބޮލީވުޑް ފިލްމުތައް އުދައްދާ ރީނާ ދައްތާ އާ އެވެ. އެކައިވެނިވެސް ދެމިގެން ދިޔައީ ގާތްގަނޑަކަށް 16 އަހަރަށެވެ.