ބޮލީވުޑްގެ މަޝްހޫރު ކޮރިއޯގްރަފާ ސަރޯޖް ހާންގެ ދިރިއުޅުމުގެ މައްޗަށް ފިލްމެއް ހަދަން ޓީސީރީޒްއިން އިއުލާން ކޮށްފި އެވެ.
ޓީސީރީޒްގެ ވެރިޔާ ބޫޝަން ކުމާރު އެ ފިލްމު އިއުލާން ކުރީ ސަރޯޖު މަރުވިތާ އަހަރެއް ފުރުނު ދުވަހުގެ މުނާސަބަތުގައި އިއްޔެ އެވެ.
71 އަހަރުގައި ސަރޯޖް މަރުވީ ހިތުގެ ބައްޔެއްގަ އެވެ. އޭނާއަށް ނޭވާ ލާން އުނދަގޫވެގެން ހޮސްޕިޓަލުގައި ފަރުވާވެސް ދިނެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލައިފަ އެވެ.
ސަރޯޖްގެ ހަޔާތުގެ މައްޗަށް ފިލްމެއް ހެދުމާއި ގުޅޭގޮތުން ކޮރިއޯގްރަފާ އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާވެސް މީގެ ކުރިން ވާހަކަ ދެއްކި އެވެ. ރޭމޯ ބުނި ގޮތުގައި ސަރޯޖު މަރުވުމުގެ ކުރިން އޭނާ އެކަމަށް އެދުނެވެ. އެއީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ އިތުރުން ޕްރޮފެޝަނަލް ދިރިއުޅުމުގައިވެސް ދިމާވި ގޮންޖެހުންތައް އެންމެ ގާތުން ފެނިފައި ހުންނާނެ އެކަކީ ރޭމޯ ކަމަށް ވުމުންކަމުގައި ބުންޏެވެ.
ސަރޯޖްގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ޓީސީރިޒްއިން އިއުލާން ކުރިނަަމެސް ކާސްޓުންނާއި ޑައިރެކްޓަރުގެ ތަފްސީލުވެސް މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ. އެތަފްސީލު ފަހުން އިއުލާން ކުރާނެ ކަމަށް ބޫޝަން ބުންޏެވެ.
40 އަހަރު ވަންދެން ސަރޯޖް ބޮލީވުޑަށް ހިދުމަތް ކޮށްދިނެވެ. އޭނާ މަރުވިއިރު 2،000 އަށްވުރެއް ގިނަ ލަވައިގައި ވަނީ ކޮރިއޯގްރަފީ ހަދައިދިނެވެ. ހާއްސަކޮށް ބަތަލާ މާދުރީ ދިކްޝިތު އަކީ ސަރޯޖްގެ އެންމެ ހާއްސަ އެއް ބަތަލާ އެވެ.
ސަރޯޖްއަށް ކޮރިއޯގްރަފީ ހެދުމުން ގައުމީ އިނާމު ލިބުނީ ތިން ފަހަރަކު އެވެ. އެއީ ފިލްމު "ދޭވްދާސް" ގައި ހިމެނުނު "ޑޯލަ ރެ ޑޯލާ"، ފިލްމު "ތޭޒާބް" ގައި ހިމެނުނު "އޭކް ދޯ ތީން" ގެ އިތުރުން ފިލްމު "ޖަބް ވީ މެޓް" ގައި ހިމެނުނު "ޔޭ އިޝްގް ހާއޭ" އަށެވެ. މީގެ ތެރެއިން ދެ ލަވައަކީ މާދުރީގެ ލަވަ އެވެ. އެއް ލަވައިގައި ކަރީނާ ކަޕޫރު ހާން އުޅޭއިރު އެއް ލަވައިގައި މާދުރީ އާއިއެކު އައިޝްވާރިޔާ ރާއީވެސް އުޅެ އެވެ.
ގައުމީ އެވޯޑުގެ އިތުރުން އައިފާ އަދި ފިލްމުފެއާ އެވޯޑުވެސް އެތައް ފަހަރަކު ސަރޯޖް އަށް ލިބުނެވެ. 2019 ވަނަ އަހަރާ ޖެހެންދެން ސަރޯޖް ކޮރިއޯގްރާފް ކޮށްދިނެވެ. އޭނާ އެންމެ ފަހުން ކޮރިއޯގްރާފް ކޮށްދިނީވެސް މާދުރީގެ ލަވަ އެކެވެ. އެއީ ފިލްމު "ކަލަންކް" ގައި ހިމެނުނު "ތަބާ ހޯ ގައޭ" އެވެ.