ބޮލީވުޑް އެކްޓަރު ސައިފް އަލީ ހާން އަދި ކަރީނާ ކަޕޫރު ހާންގެ ދެވަނަ ދަރިފުޅަށް ކިޔާފައިވާ ނަމަކީ ޖެހް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ކަރީނާ އާއި ސައިފް އެ މީހުންގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކީކަން ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ފަހުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ ލިބުނީ ފިރިހެން ކުއްޖެއް ކަމަށާއި އެހެންނަމަވެސް ކުއްޖާއާއި ބެހޭ އިތުރު މައުލޫމާތެއް އަދި ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި އާންމު ކުރަން ބޭނުން ނުވާ ކަމަށެވެ. ޕަޕަރާޒީންގެ ފަރާތުންވެސް ދެ ތަރިން ވަނީ ދަރިފުޅުގެ ފޮޓޯ ނަގައި އާންމު ނުކުރުމަށް އެދިފަ އެވެ.
ކަރީނާ އާއި ސައިފްގެ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ހާންގެ ފޮޓޯ އޭނާއަށް މަހެއް ނުވަނީސް ސޯޝަލް މީޑިއާގައި އާންމުވެގެން ދިޔަ އެވެ. ޕަޕަރާޒީން އާންމުކުރި އެ ފޮޓޯތަކާއިއެކު ތައިމޫރަކީ އިންޓަނެޓުގައި ޓްރެންޑުވެގެންދިޔަ މައުޟޫއަކަށް ވެގެން ދިޔަ އެވެ. އަނެއްކޮޅުން ތައިމޫރުގެ ނަން އާންމު ކުރުމުން އެކަމަށްވެސް ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ އެވެ. އޭގެ ފަހުން ތައިމޫރު އާންމުންގެ ތެރެއަށް ނެރޭ ކޮންމެ ފަހަރަކު މީޑިއާތަކުން އޭނާގެ ފޮޓޯ ނަގަ އެވެ. ކަރީނާއާއި ސައިފް ބުނާ ގޮތުން ކެމެރާއެއް ފެންނައިރަށް ތައިމޫރު ފޮޓޯއަށް ތައްޔާރު ވެއެވެ.
ކެމެރާއާއި މާ ބޮޑަށް ދޯޅަ ވުމުން ތައީމޫރަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި އެ ސަބަބަށްޓަކައި ދެވަނަ ދަރިފުޅު މީޑިއާގެ ކުރިމައްޗަށް އެއްވެސް ވަރަކަށް ނެރެން ބޭނުން ނުވާކަން ދެތަރިން ވަނީ ހާމަކޮށްފަ އެވެ.
ގާތްގަނޑަކަށް ފަސް މަސް ދުވަސް ފަހުން ސައިފްއާއި ކަރީނާގެ ދެވަނަ ދަރިފުޅުގެ ނަން އާންމު ކުރީ ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރެވެ. އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރަންދީރު ބުނީ ގޭގައި އެންމެންވެސް ކިޔަނީ ޖެހް ކަމަށާއި އެނަން ފައިނަލް ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އޭނާއަށް ކިޔަނީ މިނަންކަމެއް އަދި އެނަން ކިޔާނަމަ ފުރިހަމަ ނަމަކީ ކޮބައިކަންވެސް ހާމައެއް ނުކުރެ އެވެ.
ކަރީނާ އާއި ސައިފްއަކީ ބޮލީވުޑްގެ ޕަވަރ ޖޯޑެކެވެ. އެހެންކަމުން މި ދެތަރިންގެ ދިރިއުޅުމުގެ ކަންކަމަށް މީޑިއާތަކުގެ ސަމާލުކަން އަބަދުވެސް ހުއްޓެ އެވެ.