ބޮލީވުޑް އެކްޓަރު ސަލްމާން ހާން އާއި އޭނާގެ ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ފެންނަ ފިލްމު "އަންތިމް: ދަ ފައިނަލް ޓްރުތު" މިއަހަރު ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.
މިފިލްމުގެ ޝޫޓިން މުޅިންހެން ނިންމާލާފައިވާއިރު ޝޫޓިން ކުރިއަށް ގެންދިޔައީ އިންޑިއާގެ މުމްބާއީގަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލްމުގެ ޕޯސްޓަރާއި ރިލީޒްކުރާނެ ސީދާ ތާރީހު އިއުލާން ކުރާނެ އެވެ.
ސަލްމާން އާއި އާޔޫޝްގެ އިތުރުން ލީޑް ރޯލުން ފެންނާނީ ބަތަލާ ޕްރަގްޔަ ޖައިސްވާލް އެވެ. ފިލްމު ޑައިރެކްޓު ކުރީ މަހޭޝް މަންޖްރޭކަރް އެވެ. އަދި ޕްރޮޑިއުސް ކުރަނީ ސަލްމާން ހާން ފިލްމްސްއިންނެވެ. މިއީ 2018 ވަނަ އަހަރުގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" ގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މީގެ ކުރިން މިފިލްމު ރިލިޒްކުރަން ނިންމާފައި އޮތީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ކޮވިޑުގެ ހާލަތު އަދިވެސް މުޅިން ރަނގަޅު ނުވާތީ އިންޑިއާގެ ސިނަމާތައް އޮކްޓޯބަރު މަހު ހުޅުވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން ފިލްމު ރިލީޒްކުރުން އެއަށްވުރެއް ފަސްކުރަން ޓީމުން ވަނީ ނިންމައިފަ އެވެ.
ސަލްމާން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި މިފިލްމުގެ ޓީޒާއެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމު ކޮށްފަ އެވެ. މިއީ އެކްޝަން ފިލްމެކެވެ.
"އަންތިމް" ގެ މަސައްކަތް ސަލްމާން ނިންމައިލިއިރު، އިމްރާން ހާޝްމީ އާއި ކެޓްރީނާ ކެއިފް އާއިއެކު ސަލްމާން ފެންނަ "ޓައިގާ 3" ގެ މަސައްކަތް އޭނާ ވަރަށް އަވަހަށް ފަށާނެ އެވެ. މީގެ އިތުރުން ސަލްމާންގެ "ކިކް 2" އާއި "ކަބީ އީދު ކަބީ ދިވާލީ" ވެސް ރިލީޒްކުރަން ތާވަލް ކޮށްފައި އެބަ އޮތެވެ.
އާޔޫޝް ބޮލީވުޑަށް ނިކުތީ ސަލްމާން އުފެއްދި ފިލްމު "ލޮވެޔާތުރީ" އިންނެވެ. "އަންތިމް" އަކީ އާޔޫޝްގެ ދެވަނަ ފިލްމެވެ.