ބޮލީވުޑްގައި ނެޕޮޓިޒަމްގެ އަޑު ގަދަވެފައިވާ މިދަނޑިވަޅުގައި އެ ތުހުމަތުގެ އިނގިލި ދިއްކުރެވޭނެކަން މާ ކުރިންވެސް އެނގޭ ކަމަށާއި އެކަމާއި މާ ބޮޑު ފަރުވާލެއް ނެތްކަމަށް ހަރްޝްވަރްދަން ކަޕޫރު ބުނެފި އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝް ދާއިރާއަށް ނިކުތީ 2016 ވަނަ އަހަރު ފިލްމު "މިރްޒްޔަ" އިންނެވެ.އ ޭގެ ފަހުން ދެ ފިލްމަކުން ފެނުނުއިރު އޭނާގެ ކާމިޔާބީއާއި ގުޅިފައިވަނީ އަނިލް ކަމަށް ވާހަކަ ދެކެވެ އެވެ.
ނެޕޮޓިޒަމްގެ ތުހުމަތު ކުރެވި އެއަޑު އިންޑިއާގައި ގަދަވާން ފެށީ އެކްޓަރު ސުޝާންތު ސިންގް ރާޖުޕޫތު މަރުވުމާއި ގުޅިގެންނެވެ. އޭރު ވާހަކަ ދެކެވުނު ގޮތުންނަމަ ސުޝާންތު ހުރީ ބޮލީވުޑުން ފުރުސަތުތައް ގެއްލިގެން ދާތީ ވަރަށް ޕްރެޝަރުގަ އެވެ. ސުޝާންތައް ފިލްމުތަކެއް ގެއްލެން ފެށީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ސަބަބުންކަމަށްވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ.
ނެޕޮޓިޒަމްއާއި ގުޅުވައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ހަރްޝް ބުނީ އަނިލްގެ ދަރިފުޅަށް ވުމުން މަދު ބައެއްގެ ނުރުހުން ލިބޭނެކަން ގަބޫލު ކުރާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ބޮލީވުޑުން ކުރިއަށް ދިއުމަށް ބައްޕަގެ ނުވަތަ އާއިލާގެ ނުފޫޒު ބޭނުން ކޮށްފައި ނުވާނެ ކަމަށް ހަރްޝް ބުންޏެވެ.
ހަރްޝް ބުނީ އޭނާގެ ފިލްމުތައް ކިތަންމެ މޮޅުވެފައި އެކްޓިންގް ކިތަންމެ ރަނގަޅުނަމަވެސް ނުރުހޭ ބައެއްގެ ތާއީދު ނުލިބޭނެ ކަމަށެވެ. އަދި މިހާތަނަށް އޭނާ މަސައްކަތް ކުރަމުން ދިޔައީ މޮޅު އެކްޓިންއެއް ދައްކައި ރަނގަޅު ފިލްމުތަކެއް ކުޅެން ކަމަށާއި ދެންވެސް ކުރާނީ އެމަސައްކަތް ކަމަށް ބުންޏެވެ. ހަރްޝް ބުނީ ނުރުހޭނެ ބަޔަކު ތިބޭނެކަން އަމިއްލައަށް ގަބޫލުކުރާ ކަމަށާއި އެކަމާ ޝަކުވާ ކުރަން ނުވަތަ ކަންބޮޑުވާންވެސް ބޭނުން ނުވާ ކަމަށެވެ.
ސޯނަމް ކަޕޫރުގެ ކޮއްކޮ ހަރްޝް އެންމެ ފަހުން ފެނުނީ ނެޓްފްލިކްސްގެ އެންތޮލޮޖީ "ރޭ" ގެ "ސްޕޮޓްލައިޓް" ސެގްމެންޓުންނެވެ. އެ ފިލްމުގައި އޭނާ އަދާކުރި ރޯލަށް ބެލުންތެރިންގެ ތައުރީފު ލިބުނެވެ.
ހަރްޝް ދެން އެންމެ އަވަހަށް ފެންނާނެކަމަށް ބެލެވެނީ އިންޑިއާގެ އޮލިމްޕިކް އެތްލީޓު އަދި މިހާރު ވިޔަފާރިވެރިޔާ އަބިނަވް ބިންދްރާގެ ބައޯޕިކް އިންނެވެ.