2013 ވަނަ އަހަރު ނިކުތް ބޮލީވުޑްގެ ކާމިޔާބު ފިލްމު "ބާގް މިލްކާ ބާގް" އަށް އެކްޓަރު ރަންވީރްް ސިންގް އޮޑިޝަން ކުރިކަން ހާމަކޮށްފި އެވެ.
ދާދި ފަހުން މަރުވި އިންޑިއާގެ މަޝްހޫރު އެތްލީޓު މިލްކާ ސިންގް ގެ ހަޔާތުގެ މައްޗަށް އުފެއްދި "ބާގް މިލްކާ ބާގް" ގައި މިލްކާގެ ރޯލު އަދާކުރީ އެކްޓަރު ފަރްހާން އަކްތަރު އެވެ. އެފިލްމަކީ ގިނަ އެވޯޑުތަކެއްވެސް ހާސިލްކުރި ފިލްމެކެވެ. އެގޮތުން އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ މޮޅު އެކްޓަރުވެސް ފިލްމުން ހޯދި އެވެ. ފިލްމަށް 8 އަހަރު ފުރުނުއިރު ބައެއް ވާހަކަތައް ވަނީ ތިލަވެފަ އެވެ.
ފިލްމުގެ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ ބުނި ގޮތުގައި ފިލްމަށް އެންމެ ފުރަތަމަ އޮޑިޝަން ކުރީ ރަންވީރް ސިންގް އެވެ. އެ އޮޑިޝަން އޭނާއަށްވެސް ވަރަށް ކަމުދިޔަ ކަމަށާއި އެހެންނަމަވެސް ފަރްހާންގެ އޮޑިޝަންއަށްފަހު އެރޯލު އެންމެ ގުޅޭނީ އޭނާއަށްކަން ނިންމި އެވެ.
2013 ވަަނަ އަހަރާއި ހަމައަށް ރަންވީރު ކުޅެފައިވަނީ އެންމެ ދެ ފިލްމެވެ. އެއީ "ބޭންޑް ބާޖާ ބާރާތު" ގެ އިތުރުން "ލޭޑީޒް ވާސަސް ރިކީ ބާލް" އެވެ. މި ދެ ފިލްމަކީވެސް އެވަރޭޖް ދެ ފިލްމެވެ. އަނެއްކޮޅުން ރަންވީރުގެ އެކްޓިންއަށްވެސް މާ ހާއްސަ ތަރުހީބެއް ނުލިބެ އެވެ. އެހެންކަމުން ރަންވީރަކީ އޭރު މަގްބޫލު އެކްޓަރެއް ނޫނެވެ.
"ބާގް މިލްކާ ބާގް" އަތުން ބީވި ނަމަވެސް 2013 ވަނަ އަހަރު ނިކުތް ރަންވީރުގެ ދެ ފިލްމަކީވެސް އޭނާގެ އެކްޓިންގް ކެރިއަރު މުޅިން ބަދަލުކޮށްލި ދެ ފިލްމެވެ. އެގޮތުން "ގަލިޔޯކީ ރަސްލީލާ- ރާމްލީލާ" އާއި "ލުޓޭރާ" ދެ ފިލްމުގައިވެސް ރަންވީރުގެ އެކްޓިންގެ މޮޅުކަން ދައްކުވައިދިނެވެ.
"ބާގް މިލްކާ ބާގް" ގެ ޑައިރެކްޓަރު މެހެރާ އޭގެ ފަހުންވެސް ވަނީ ސްޕޯޓްސް ފިލްމެއް ހަދައިފަ އެވެ. "ތޫފާން" ނަމަކަށް ކިޔާ މިފިލްމުގައިވެސް ލީޑް ރޯލު ކުޅެނީ ފަރްހާން އެވެ. މިހާރު ޝޫޓިންތައް މުޅިން ނިންމާލާފައިވާ މި ފިލްމު އޯޓީޓީ ޕްލެޓްފޯމުގައި ވަރަށް އަވަހަށް ރިލީޒް ކުރާނެ އެވެ.