2019 ވަނަ އަހަރު ނިކުން މާވެލް ސިނެމެޓިކް ވޯލްޑްގެ "އޭވެންޖާޒް: އެންޑްގޭމް" އަށްފަހު އެޗްބީއޯގެ ވަރުގަދަ ސީރީޒްއަކުން ފެނުމަށް ރޮބާޓް ޑައުނީ ޖޫނިއާ ތައްޔާރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮލީވުޑްގެ އެކްޓަރު ސޮއިކޮށްފައިވަނީ އެޗްބީއޯގެ ޑްރާމާ ޒީރީޒްއަކަށެވެ. އެ ސީރީޒް އަކީ މަޝްހޫރު ނޮވެލް "ދަ ސިމްޕަތައިޒާ" އިން އެޑެޕްޓް ކޮށްގެން ހަދާ ސީރީޒް އެކެވެ. ޑައިރެކްޓު ކުރާނީ "އޯލްޑްބޯއީ" ގެ ޑައިރެކްޓަރު ޕާކް ޗަން-ވޫކް އެވެ. މީގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ޑޯކް މެކްކެލާވެސް ހަރަކާތްތެރިވާނެ އެވެ.
"ދަ ސިމްޕަތައިޒާ" ނޮވެލް އަކީ ސްޕައި ތްރިލާ އެކެވެ. އޭގައި ލީޑް ރޯލަކީ ވިއެޓްނާމް އަދި ފްރާންސް މީހެކެވެ. ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރުގެ މި ވާހަކައިގައި މަސައްކަތް ކުރާނީ ލީޑް ކެރެކްޓާ ހޯދުމަށެވެ.
މި ސީރީޒް ޕްރޮޑިއުސް ކުރަނީ ރޮބާޓްގެ އިތުރުން ސޫސަން ޑައުނީ އާއި އަމާންޑާ ބުރޭލް އެވެ. މީގެ އިތުރުން ކީ ޕްރޮޑިއުސް ކުރާނީ އެޗްބީއޯ، އޭ24 ގެ އިތުރުން ރޮމްބަސް މީޑިއާ އެވެ. އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ސިނެޓިކް މީޑިއާ އާއި މޮހޯ ފިލްމްސްވެސް ހިމެނެ އެވެ.
އުމުރުން 56 އަހަރުގެ ރޮބާޓް ބޮޑަށް މަޝްހޫރުވެގެން ދިޔައީ މާވެލްގެ ފިކްމުތަކުގައި ސްޓާކް ނުވަތަ އަޔަން މޭންގެ ރޯލުންނެވެ. އެންޑް ގޭމް ނިމުނުއިރު އޭނާގެ ކެރެކްޓާ ވަނީ މަރުވެފަ އެވެ. އޭގެ ފަހުންވެސް "ޑޫލިޓްލް" ކިޔާ ފިލްމަކުން އޭނާ ފެނުނެވެ. މީގެ އިތުރުން މިހާރު މަސައްކަތްތައް ނިންމާލާފައިވާ "އޯލް ސްޓާ ވީކެންޑް" ގައިވެސް ރޮބާޓް ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ.
"އެވެންޖާޒް" ސީރީޒްގެ ގިނަ ފިލްމުތަކުން ރޮބާޓް ވަނީ އެވޯޑު ހޯދައިފަ އެވެ. އެހެންނަމަވެސް އޭނާއަށް މިހާތަނަށް އޮސްކާ އެވޯޑެއް ލިބިފައެއް ނުވެ އެވެ. 1992 ވަނަ އަހަރު އަދި 2009 ވަނަ އަހަރު އެ އެވޯޑަށް ނޮމިނޭޓުވިނަމަވެސް އެވޯޑު ކާމިޔާބުވާ ގޮތެއް ނުވި އެވެ.
1992 ވަނަ އަހަރު ފިލްމު "ޗާޕްލިން" އިން ރޮބާޓްއަށް ބީއޭއެފްޓީއޭ އެވޯޑު ލިބުނެވެ. އެއީ އޭނާގެ ކެރިއަރުގައި ކުޅުނު އެންމެ މޮޅު އެއް ފިލްމުވެސް މެއެވެ.