މިހާތަނަށް ނިކުތް ޔަޝް ރާޖް ފިލްމްސްގެ އެންމެ ކާމިޔާބު ރޮމޭންޓިކް ފިލްމު "ދިލް ތޯ ޕާގަލް ހޭ" ގެ ސަޕޯޓިންގް އެކްޓްރެސް ކަރިޝްމާ ކަޕޫރު އެ ފިލްމަށް ފުރަތަމަ ނޫނެކޭ ބުނިކަން ހާމަކޮށްފި އެވެ.
1997 ވަނަ އަހަރު މާދުރީ ދިކްޝިތު އާއި ޝާހުރުކް ހާންގެ އިތުރުން ކަރިޝްމާ ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދިޔަ "ދިލް ތޯ ޕާގަލް ހޭ" އަކީ މިހާތަނަށް ބޮލީވުޑްގައި އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމެވެ. އެފިލްމުގައި ތިން ތަރިންވެސް އަދާކުރަނީ ނެށުންތެރިންގެ ރޯލެވެ.
މި ފިލްމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކަރިޝްމާ ބުނީ އެއީ އޭނާގެ ފިލްމީ ކެރިއަރުގެ އާ ދުވަސްވަރު ކަމަށެވެ. އެހެންވެ އެ ފިލްމު ލިބުމުން ވަރަށް އުފާވި ކަމަށާއި އެހެންނަމަވެސް އެއީ ނަށާ ފިލްމެއްކަން އެނގުނު ހިސާބުން ކުޑަކޮށް ޖެހިލުންވި ކަމަށް އޭނާ ބުންޏެވެ.
ކަރިޝްމާ ބުނީ މާދުރީ އަކީ އެވަގުތު ބޮލީވުޑްގައި ހުރި އެންމެ ވަރުގަދަ އެއް ބަތަލާ ކަމަށާއި އޭނާގެ ނެށުމަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވުމުން މާދުރީއާއެކު ނަށަން ޗެލެންޖަކަށް ދާން އެއްވެސް އެކްޓަރަކު ބޭނުން ނުވި ކަމަށެވެ. ކަރިޝްމާއަށް ފިލްމު ހުށަހެޅުމުގެ ކުރިން ބޮލީވުޑްގައި އޭރު މަޝްހޫރު ގިނަ ތަރިންތަކެއް އެ ފިލްމަށް ނޫނެކޭ ބުނީ މާދުރީއާއެކު ނަށަން ޖެހޭތީ ކަމަށް ކަރިޝްމާ ކިޔައިދިނެވެ.
އޭގެ ފަހުން ޔަޝް ޗޯޕްރާ އާއި އަދިއްތިޔަ ޗޯޕްރާ ކަރިޝްމާއަށް މުޅި ސްކްރިޕްޓް އިއްވި ކަމަށާއި ފިލްމު ކުޅެއް އެއްބަސްވީ އޭނާގެ މަންމަ ބަބީތާ ކަޕޫރު ބުނެގެން ކަމަށް ކަރިޝްމާ ބުންޏެވެ. ކަރިޝްމާއަކީ މާދުރީގެ ނެށުމަށް ވަރަށް ސަޕޯޓުކުރި މީހެއް ކަމަށާއި އެހެންކަމުން އެފިލްމު ނެގީ ޗެލެންޖަކަށް ކަމަށް އޭނާ ކިޔައިދިނެވެ.
"ދިލް ތޯ ޕާގަލް ހޭ" ގައި ކަރިޝްމާ އަދާކުރި ރޯލަށް ގައުމީ އެވޯޑުވެސް ލިބުނެވެ. އަދި ފިލްމްފެއާ އެވޯޑާއި އައިފާ އެވޯޑުވެސް ލިބުނެވެ. އެފިލްމުން މާދުރީއާއި ޝާހުވެސް ދެ އެވޯޑެއް ނެގި އެވެ. މި ތިން ތަރިންގެ އިތުރުން އަކްޝޭ ކުމާރުވެސް ފިލްމުގެ މުހިންމު ރޯލަކުން ފެނުނެވެ.
90 މިލިއަން ރުޕީޒްގެ ބަޖެޓަކުން އުފެއްދި މި ފިލްމުން 598 މިލިއަން ރުޕީޒްގެ އާމްދަނީއެއް ހޯދި އެވެ. މިއަދާއި ހަަމައަށްވެސް އެ ފިލްމުގެ ލަވަތަކަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.