ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެއްޓިގެ ފިރިމީހާ ރާޖް ކުންދުރަ އިއްޔެ ހައްޔަރުކޮށްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކުންދުރަ ހައްޔަރު ކުރީ އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމުގެ ތުހުމަތެވެ. މުމްބާއި ޕޮލިހުން ބުނާ ގޮތުގައި އިންޓަނެޓުގައި ބަރަހަނާ މަންޒަރުތައް ވައިރަލް ކުރުމުގައި އެންމެ އިސްކޮށް ހުރިކަމަށް ފާހަގަކުރެވެނީ ކުންދުރަ އވެެ.
މިއަދުގެ ވަގުތެއްގައި ކުންދުރަ ކޯޓަށް ހާޒިރު ކުރާނެ އެވެ. މިމައްސަލައިގައި އިތުރު މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މުމްބާއިއަށް ނިސްބަތްވާ ރަޔާން ތާޕް ނަމަކަށް ކިޔާ މީހެކެވެ.
ބަރަހަނާ މަންޒަރު ނަގައި އިންޓަނެޓުގައި އާންމުކުރާ ކަމުގެ މައްސަލަ ފެންމަތިވީ މިއަހަރުގެ ފެބުރުއަރީ މަހު އެވެ. އެމައްސަލަ މުމްބާއި ޕޮލިހުން ތަހުގީގު ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
މީގެ ކުރިން 2012 ވަނަ އަހަރުގެ ތެރޭގައި ކުންދުރަ ވަނީ ހަށި ވިއްކުމާއި ބަރަހަނާ މަންޒަރު ދެއްކުމަށް ހިތްވަރު ދޭގޮތަށް ސޯޝަލް މީޑިއާގައި ވާޙަކަ ދައްކައިފަ އެވެ. އޭނާ ދެކޭ ގޮތުގައި އެމީހެއްގެ އަމިއްލަ ކަންކަމުގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ހުރެގެން ނުވާނެ އެވެ.
ރާޖް ކުންދުރައަކީ ފުޅާ ދާއިރާއެއްގައި އިންޑިއާގައި ވިޔަފާރިވެސް ކުރާ ފަރާތެކެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން އެގައުމުގެ ރަށް ވެއްސެކެވެ. ކުންދުރަ ޝިލްޕާއާއި ކައިވެނި ކުރީ 2009 ވަނަ އަހަރު ފުރަތަމަ އަނބިމީހާ ވަރިކުރުމަށްފަހު އެވެ. ކުންދުރަގެ ތިން ކުދިން ތިބެ އެވެ. އޭގެ ތެރެއިން ފުރަތަމަ ކުއްޖާއަކީ ފުރަތަމަ ކައިވެންޏަށް ލިބުނު ކުއްޖެކެވެ. އަނެއް ދެކުދިންނަކީ ޝިލްޕާގެ ދެކުދިންނެވެ.