ކޮވިޑް-19 ގެ ހާލަތު އިންތިހާއަށް ގޯސްވެފައި އޮތުމަށްފަހު މިހާރު ރަނގަޅުވަމުން އަންނަ އިންޑިއާގެ އެންމެ އާބާދީ ބޮޑު އެއް ސްޓޭޓު ނިއު ދިއްލީގެ ސިނަމާތައް ހުޅުވަން އެސްޓޭޓުގެ ސަރުކާރުން ނިންމައިފި އެވެ.
ސިނަމާތައް ހުޅުވަން ހުއްދަ ދިން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެންމެ ގިނަ ވެގެން މީހުން ވެއްދޭނީ އެ ސިނަމާއެއްގެ 50 އިންސައްތަ ފުރޭ ވަރަށެވެ.
އިންޑިއާގައި އެންމެ ބޮޑަށް ފައިދާވާ އެއް ވިޔަފާރިއަކީ ފިލްމު އުފެއްދުމުގެ ވިޔަފާރި އެވެ. ކޮވިޑް-19 ގެ ސަބަބުން މި ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހާއްސަކޮށް ސިނަމާތައް ހިންގާ ފަރާތްތަކަށް އާމްދަނީ ލިބުން ވަނީ މުޅިން ހުއްޓިފަ އެވެ.
މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިންޑިއާގައި ފިލްމުތައް ރިލީޒްކުރަމުން އައިސްފައިވަނީ އޯޓީޓީ ޕްލެޓްފޯމުތަކުގަ އެވެ. ބައެއް ފިލްމުތައް ރިލީޒް ކުރުން ލަސްވެސް ކުރި އެވެ. މި އަހަރު ކުރީކޮޅު ސިނަމާތައް ހުޅުވި ނަމަވެސް އަނެއްކާވެސް ހާލަތު ގޯސްވުމުން ސިނަމާތައް ބަންދު ކުރި އެވެ.
ސިނަމާތަކަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ އިންޑިއާގެ މުމްބާއީ އިންނެވެ. އެއީ އެންމެ ގިނަ މީހުން ދިރިއުޅޭ ސްޓޭޓެވެ. ހާއްސަކޮށް މަހަރާޝްތްރަ އަކީ ފިލްމު އިންޑަސްޓްރީގެ މައި ހަބުގެ ގޮތުގައި ބެލެވެ އެވެ. ދިއްލީގެ ސިނަމާތައް ހުޅުވި ނަމަވެސް މުމްބާއީގެ އެއްވެސް ހިސާބެއްގައި ސިނަމާތައް ހުޅުވުމުގެ ހުއްދަ އަދި ނުދެ އެވެ.
އެހެންނަމަވެސް ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނާތީ އަދި ވެކްސިން ދިނުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ދާއިރު ބެލެވޭ ގޮތުގައި އަންނަ މަހު ކުރީކޮޅު މުމްބާއީގެ ސިނަމާތައްވެސް ހުޅުވާނެ އެވެ. އެހެން ވެއްޖެނަމަ އެންމެ ފުރަތަމަ ސިނަމާގައި އަޅުވާނީ އަކްޝޭ ކުމާރުގެ "ބެލް ބޮޓޮމް" އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިހާރު މުޅިން މަސައްކަތްތައް ނިންމާލާފައިވާ އެފިލްމު ސިނަމާތަކަސް ގެންނާނީ އަންނަ މަހު 15 ގަ އެވެ. މުމްބާއީގެ ސިނަމާތައް ނުހުޅުވާނަމަ ލަސްކުރުންވެސް އެކަށީގެން ވެއެވެ. ނޫނީ އޯޓީޓީ ޕްލެޓްފޯމެއްގައި ރިލީޒް ކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ.
ބޮލީވުޑްގެ ބޮޑެތި ބައެއް ފިލްމުތަކުގެ މަސައްކަތްތައް ނިންމައިލި ނަމަވެސް ސިނަމާތައް ނުހުޅުވާތީ ރިލީޒް ނުކޮށް އޮންނަތާ އަހަރަކަށްވުރެއް ގިނަ ދުވަސްވެފައިވާ ފިލްމުތައްވެސް އެބަ ހުއްޓެވެ. ބައެއް ފިލްމުތައް ގިނަ ދުވަސްވުމުން އޯޓީޓީ ޕްލެޓްފޯމުތަކަށް ވިއްކަ އެވެ.