ބޭންކް އޮފް މޯލްޑިވްސް އިން އިތުރު 12 ރަށެއްގައި އެޖެންޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި އަދި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
މިއާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.
ބެންކުން މި ހިދުމަތް އަލަށް ފަށާފައިވަނީ ހއ. މާރަންދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ، ހަދ. ފިނޭ، ށ. ނަރުދޫ، ށ. ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިންނަމާދޫ، ބ. ފުޅަދޫ އަދި މ. ކޮޅުފުއްޓެވެ. މި ރަށްތަކުގައި ގާއިމްކުރެވުނު މި ހިދުމަތާއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާ އާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެއެވެ. އަދި މީގެ އިތުރުން ކަސްޓަމަރަކަށް އެއްވެސް ފީއަކާ ނުލައި ދުވާލަކު 2000 ރުފިޔާވެސް ނެގޭނެއެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. އެއްވެސް ފީއަކާ ނުލައި ބޭންކުން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތާއި 60 އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރެވިފައިވާ ފުރަބަންދުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.