މިއަދުން ފެށިގެން އެމެރިކަން އެކްސްޕްރެސް (ގްރީން/ގޯލްޑް)، ވިސާ (ކްލެސިކް/ގޯލްޑް) އަދި މާސްޓަރކާޑް (ސްޓޭންޑަޑް/ގޯލްޑް) ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދެއްގެ ގޮތުގައި 750 ޑޮލަރު ބީއެމްއެލް އިން ހަމަޖައްސައިފިއެވެ.
ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވުމުން މިދިޔަ އަހަރު ބޭންކުން ވަނީ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް ބަދަލު ގެނެސްފައެވެ. މިދިޔަ ޖުލައި މަހު، ކްރެޑިޓް ކާޑުން މުއާމަލާތްކުރެވޭ އަދަދު ވަނީ އިތުރުކޮށްފައެެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ލިމިޓަށް އިތުރު ބަދަލުތަކެއް ގެނެއުމަށް ނިންމާފައެވެ.
ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ޑެބިޓް ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭއިރު ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ލިމިޓަށް ބަލައި ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުވަނީ އިތުރުކޮށްފައެވެ. މި ހަފްތާ ތެރޭގައި ބޭންކުން އެ ކަސްޓަމަރުންނަށް މި އަދަދުތަކާ ގުޅޭ މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ.
މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެއެވެ. މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ..
ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެ ކަމަށާއި އަދި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.