ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބ. މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިންގ ތައާރަފްކޮށް 75 ރަށަކުން ފައިސާ ޖަމާކުރުމުުގެ ހިދުމަތް ލިބޭގޮތް ހަމަޖައްސައިފިއެވެ.
އޭޖަންޓް ބޭންކިންގ ގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމް އެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. 2015 ވަނަ އަހަރު މި ހިދުމަތް ފަށައިފަވަނީ ހަމަ އެކަނި ފައިސާ ނެގުމަށް ކަމުގައި ވީނަމަވެސް އޭޖަންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެއެވެ. ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭނެއެވެ. އަދި ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރެވިފައިވާ ފިޔަވަޅުތަކާއެކުވެސް ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.