ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީ އާއެކު މިއަދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. އިންޓަރނެޓް އަދި ޓީވީ ފަދަ މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވެސް އެއް ވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭގޮތަށް އެޗްޑީސީން ފަރުމާކޮށްފައިވާ މި އޯޕަން އެކްސެސް ނެޓްވޯރކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހިދުމަތް ދޭން މިހާރު ވަނީ ދިރާގު އަދި މީޑިއާނެޓުން ފަށާފައެވެ.
އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ އަކުން އަވަސްކަމާ އަދި ޚިދުމަތް ދިނުމަށްދާ ހަރަދުކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެން ދެއެވެ.