ހިޔާ މަޝްރޫއިން ފްލެޓު ލިބުނު ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި އުޅުނު އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ސޮއިކުރުން މެދުކަނޑައިލުމަށްފަހު އަނެއްކާވެސް މާދަމާ އެކަން ފަށަން ނިންމައިފި އެވެ.
ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މާދަމާއިން ފެށިގެން އަނެއްކާވެސް ހިޔާ ފްލެޓުވެރިން އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލައިފި
އެގޮތުން މިއަދު އާންމުކުރި ތާވަލުގައި ބުނީ ޓަވަރު H11 އިން ފްލެޓު ލިބިނު ފަރާތްތަކުގެ ސޮއިކުރުން މާދަމާ އޮންނާނެ ކަމަށެވެ. ޓަވަރު H14 ގެ ސޮއިކުރުން މާދަމާ، ޓަވަރު H6 ގެ ސޮއިކުރުން މިމަހުގެ 10 ވަނަ ދުވަހު، ޓަވަރު H8 ގެ ސޮއިކުރުން މިމަހު 11 ވަަނަ ދުވަހު އޮންނާނެ އެވެ.
މީގެ އިތުރުން ޓަވަރު H2 ގެ ސޮއިކުރުން މިމަހު 14 ވަަނަ ދުވަހު، ޓަވަރު H7 ގެ ސޮއިކުރުން މިމަހު 16 ގައި، ޓަވަރު H1 ގެ ސޮއިކުރުން މިމަހު 17 ގައި އަދި ޓަވަރު H3 ގެ ސޮއިކުރުން މިމަހު 18 އަށް ވަނީ ތާވަލުކޮށްފަ އެވެ.
ހިޔާ ފްލެޓުވެރިންގެ އެއްބަސްވުންތަކުގައި ސޮއިކުރި ނަމަވެސް ފްލެޓުތަކަށް ވަދެވޭނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ. މީގެ ކުރިން ސަރުކާރުން ބުނީ މިމަހު ފަހުކޮޅު ފްލެޓުތަކަށް ވަދެވޭނެ ކަމަށެވެ.