ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް އޮތް ބިރަކީ ކޮބައިކަން ދިފާއީ ބާރުތަކުން ދެނެގެންނަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު ގައުމަކުން މާބޮޑަށް ނުފޫޒު ފޯރުވަމުންދާއިރު ދިވެހި ރައްޔިތުން ތަމްސީލްކުރާ ސަރުކާރެއް ނެތްކަން މިދަނީ އެނގި ހާމަވަމުން ކަމަށެވެ. އެހެންކަމުން ރައީސުލްޖުމުހޫރިއްޔާ އަށް އޮތް ބިރަކީ ކޮބައިކަން ދިފާއީ ބާރުތަކުން ލަސްނުކޮށް ދެނެގަންނަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު މިގޮތަށް ވިދާޅުވެފައިވަނީ ނޫސްވެރިއާ މަރިޔަމް ޝިއުނާ ކޮށްފައިވާ ޓުވީޓަކާއި ގުޅިގެންނެވެ. އެގޮތުންޝިއުނާގެ ޓުވީޓްގައި އިންޑިއަން ހައި ކޮމިޝަންއަށް ފޯކަސް ކޮށްގެން އެއްވެސް ފުޓޭޖެއް ނުނެގޭނެ ކަމަށް ފުލުހުން ބުނި ކަމަށްވެއެވެ. އަދި މިގޮތަށް ފުލުހުން ބުނީ ހައި ކޮމިޝަންގެ ފަރާތުން އިންޑިއާގެ ދެ މީހަކު ނިކުމެ ފުލުހުންނަށް އޯޑަރު ކުރީމަ ކަމަށްވެސް ޝިއުނާގެ ޓުވީޓްގައި ބުނެފައިވެއެވެ.