ހުޅުމާލެ ފޭސް 2 ގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ދިރާގާ ހަވާލުކޮށްފިއެވެ.
އެޗްޑީސީން ބުނީ ފޭސް 2 ގެ ޕްލޭން އާއި އެއްގޮތަށް އިތުރު ޓަވަރުތައް ހަރުކުރެވިގެން ދާއިރު މި ޓަވަރުތައް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ދާއިރާގައި ހިދުމަތް ފޯރުކޮށްދެމުންދާ އެހެން ކުންފުނިތަކާއި އެކުގައިވެސް މުސްތަގުބަލުގައި އެއްބަސްވުންތައް އެކުލެވިގެން ދާނެ ކަމަށެވެ.
އަދި މި ޓަވަރުތަކުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވަކި ވަކިން ގިނަ ޓަވަރުތަކެއް ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ހުޅުމާލެ ފޭސް 2 ގެ ތަރައްގީގެ ޕްލޭން އާއި އެއްގޮތަށް އެކަށީގެންވާ ވަރަަށް ޓަވަރު ހަރުކުރެވި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވެގެން ހިދުމަތް ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
މިގޮތަށް ޓަވަރުތައް ބޭނުންކުރުމުން މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ކުރަންޖެހޭ އިންވެސްޓްމަންޓް ހަރަދު ކުޑަވެގެންދާނެ ކަމަށާއި އަދި އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުންނަ ޓަވަރުތަކުގެ އަދަދު މަދުވުމުން މިސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި މިކަމަށް ބޭނުން ކުރެވޭ ބިން ސަލާމަތް ކުރެވިގެން ދާނެ ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. މީގެ އިތުރުންވެސް ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ކުޑަވެ އާއްމުންނަށް ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް ބުނެފައިވެއެވެ.